ދޮށީ ސޮރުބޭ ވަނި ހުޅުވުން
ދޮށީ ސޮރުބޭ ވަނި ހުޅުވާފައިވަނީ، ލޯކަލްކައުންސިލްތަކުގެ ޕާރފޯމަންސް އިންޑެކްސް 2017 ރޭންކިންގ ގައި ކުރެންދޫ ކައުންސިލަށް ލިބުނު ކަމީޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ދޮށީ ސޮރުބޭވަނި ހުޅުވައިދެއްވާފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް މިކޮނިޔުނިޓީ އެމްޕަވަރމަންޓް ގެ ޑެޕިޔުޓީ މިނިސްޓަރ އަލްފާޟިލް މުޙައްމަދު އަޒްމީލެވެ.
ދޮށީ ސޮރުބޭވަނީގެ ނަން ދީފައިވަނީ ކުރެންދޫ ދެކުނުފަރާތުގައި އޮންނަ ގޮޑުދޮށަށެވެ.
މި ރަސްމިއްޔާތުގައި ދޮށީ ސޮރިބޭވަނި އެތަނަށް ކިޔާފައިވާ ސަބަބު ހާމަކޮށްދީ ޕްރެސެންޓޭޝަނެއް ގެނެސްދީފައިވެއެވެ. އެޕްރެޒެންޓޭޝަންގައިވަނީ:
ދޮށީ ސޮރުބޭ ވަނި
ދޮށީ ސޮރުބޭ ދިރިއުޅެފައިވަނީ މީގެ 200 ވަރަކަށް އަހަރުކުރީގައި ކަމަށް ލަފާކުރެވެއެވެ. ދޮށީސޮރުބޭގެ ޙަޔާތާއި ބެހޭގޮތުން ތަފާތު އެކިގޮތްގޮތަށް ވާހަކަދައްކައެވެ. ދުވަސްވީ ބައެއް މީހުން ބުނާގޮތުގައި، ދޮށިސޮރުބެއަކީ ނުރައްކާތެރި ބައްޔެއް ޖެހުމާއި ގުޅިގެން އެކަހެރި ކޮށްފައިވާ މީހެކެވެ. އިތުބާރުހުރި މަޢުލޫމާތަކަށް ބަލާއިރު، ދޮށީސޮރުބެއަކީ ކުރެންދޫގެ ވަރަށްމޮޅު ޙަކީމީ ބޭސްޥެރިއެކެވެ. ދޮށީސޮރުބޭ ބޭސްވެރިކަމުގެ ޚިދުމަތްދެމުން ދަނިކޮށް ވެއްޓޭބަލީގައި ދުވަސްތައް ހޭދަންކުރަންޖެހުނެވެ. އެބައްޔަކީ އެޒަމާނުގައި ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ބަލާ ބައްޔަކަށްވާތީ، ދެކެނު ފަރާތު ގޮނޑުދޮށުގެ އިރުމަތީކޮޅުގައި، މިހާރު މަސްބަދިގެ ހުރި ސަރަޙައްދުގައި ގެއެއް ހަދާ، އެކަހެރިކުރިއެވެ. އެދުވަސްވަރު ދޮށީ ސޮރުބޭ މޫދަށް އެރުމަށްޓަކައި، އެ ސަރަޙައްދުގެ މޫދުގައި ކޯރެއް ގޮތަށް ވަށައިގެން ގައު ޖަހައިގެން މޫދަށް އެރޭ ސަރަޙައްދެއް ތައްޔާރުކުރިކަމަށްވެސް ތުންތުން މަތިން އައިސްފައިވެއެވެ. ދޮށީ ސޮރުބޭ އެކަހެރިކޮށްފައިވަނިކޮށްވެސް، އެނާގެ ޙަކީމީ ބޭސް ފަރުވާ ހޯދުމަށްޓަކައި ދޮށީ ސޮރުބޭ ގާތަށް މީހުން ދާކަން އެނގުމާއި އެކު، ވެރިކަމުގެ ފަރާތުން، ދޮށީސޮރުބޭ އިތުރަށް އެކަހެރި ކުރުމަށްޓަކައި މި އަތޮޅުގެ ފަޅުރަށެއްކަމުގައިވާ މަޑުއްވަރިއަށް ދޮށީ ސޮރުބޭ ފޮނުވާލިކަމަށްވެސް ދުވަސްވީ ބެއެއް މީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ. ދޮށީ ސޮރުބެއަކީ މާވަޑިއެއްކަމަށްވާތީ، މަޑުއްވަރީގައި ހުރި އިރު، ބެރެބެދި ގަހެއް ކަނޑައިގެން، އެގަސް ހިއްކާ އޭގައި، އެއްގަސް އޮޑިއެއް ހަދައިގެން އެނބުރި ކުރެންދޫއަށް އައިސް، ދޮށީސޮރުބޭ ކޯރު ކިޔާ ސަރަޙައްދުން ކުރެންދޫއަށް އަރައިގެން އަނެއްކާވެސް ކުރެންދޫގައި ދިރިއުޅެމުން ގެންދިޔަކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ވީމާ، ދޮށީސޮރުބޭގެ ޙަޔާތުގެ ފަހުބައި، މިސަރަޙައްދުގައި ވޭތުކޮށްފައިވާއިރު، މިސަރަޙައްދުގެ ނަން ދޮށީސޮރުބެއަށް ޚާއްޞަނުކުރެވެންވީ ސަބަބެއް ނެތެވެ. މާތްﷲ ތަބާރަކަ ވަތަޢާލާގެ ރަޙްމަތުގެ ބެއްސެވުންތައް ދޮށީސޮރުބެއަށް މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަމެވެ.
ދިވެހިބަހުގައު “ވަނި” މިލަފްޒް ބޭނުންކުރާ 4 ޙާލަތެއް އޮވެއެވެ. އޭގެތެރެއިން ފުރަތަމަ ޙާލަތަކީ ބައެއްކަހަލަ މަސްމަހާމެހި އުޅޭ ތަންތަނަށް “ވަނި” ބޭނުންކުރެއެވެ. މިސާލަކަށް މިޔަރު ވަނި. ދެވަނަ ޙާލަތަކީ ފުއްޓަރު ފަރާތުގައި ގޮނިގޮންޏަށް ވަދެފައި ހުންނަ އޮއި ހެޔޮ ވަތް ހެޔޮ ތަންތަނަށްވެސް “ވަނި” ބޭނުންކުރެއެވެ. ތިންވަނަ ޙާލަތަކީ، ބައްދަލުވެއުޅޭ އެކަހަރި ތަންތަނަށްވެސް މަޖާޒީ ގޮތުން “ވަނި” ބޭނުންކުރެއެވެ. ހަތަރުވަނަ ޙާލަތަކީ މަޖާ ވާހަކަ ދައްކައި ނުވަތަ ކޮންމެވެސް ކަމަކަށް ސައްލާކޮށް އުޅުމަށް ކަނޑައެޅޭ ބަޔަކު އެއްވާ ތަންތަނަށް ވެސް “ވަނި” ކިޔައެވެ.
ކުރެންދޫ ކައުންސިލުން އެ ސަރަޙައްދަށް ވަނި ކިޔުމަށް ކަނޑައެޅީ މަސަރަޙައްދަކީ މިދެންނެވި ތިންވަނަ އަދި ހަތަރުވަނަ ޙާލަތުގައި މިސަރަޙައްދު ބޭނުންކުރަމުންދާތީ، އެދެ ޙާލަތަށް ރިޢާޔަތްކޮށެވެ. މިސަރަޙައްދަށް ނަމެއް ކިޔުމަށް ހަމަޖެއްސީ، މިސަރަޙައްދަކީ ސިޔާސީ،އިޖުތިމާޢީ އަދި ރަސްމީ ބެއެއް ޙަފްލާތައް ބާއްވާ ތަނަކަށްވާއިރު، މިސަރަހައްދަށް އެއްބަޔަކު، ސޯލާބީޗް، އެނެއްބަޔަކު ސަންސެޓް ބީޗް، އަނެއް ބަޔަކު މަސްބަދިގެ ބީޗްގެ ނަމުން ދަޢުވަތު ކާޑުތަކުގައި ޖަހަމުންދާތީއެވެ.
ވީމާ، ކުރެންދޫ ކައުންސިލުން ވަކިގޮތެއް ކަނޑަނާޅާހާ ހިނދަކު 19 އޭޕްރީލް 2019 ހުކުރުދުވަހުގެ ރޭ 21:30 ން ފެށިގެން އެސަރަޙައްދުގެ ނަމަކީ “ދޮށީ ސޮރުބޭ ވަނި” ކަމުގައި ކުރެންދޫ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.